ހޯނު މެރުމަކީ ކޮންކަހަލަ ކަމެއްތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
ހޯނު މެރުމާއި މެދުގައި ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނަމެވެ.

ޝަރީޢަތުގައި އެތަކެއްޗަކީ ފާސިޤު އެއްޗެއް ކަމާއި އަދި އެ ޤަތުލު ކުރުމަށް ވާރިދުވެގެންވާ ސޫފިތަކުގެ ތެރެއިން ހިމެނިގެންވާ އެއް ސުއިއްޕެއްގެ ގޮތުގައި ހޯނު ހިމެނެ އެވެ.

އޭގެ ދަލީލުތަކުގެ ތެރޭގައިވެ އެވެ.

1. އިމާމް مسلم  ރިވާކުރައްވާފައިވާ ޙަދީޘްގައިވެ އެވެ. ޞަޙާބީ ވިދާޅުވެފައިވެ އެވެ. أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ أَمَرَ بِقَتْلِ الْوَزَغِ ، وَسَمَّاهُ فُوَيْسِقًا ”ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ހޯނު މެރުމަށް އަމުރުފުޅު ކުރެއްވި އެވެ. އަދި އެއީ ފާސިޤު އެއްޗެއްކަމުގައި ނަންދެއްވި އެވެ.“

ވުމުން ހޯނަކީ މީސްތަކުންނަށް ގެއްލުންދޭ އަދި ގޯނާކޮށް އަދި ނުބައި އެއްޗެއްގެ ގޮތުގައިވެ އެވެ.

2. އިމާމް البخاري  ގެ ރިވާޔަތުގައިވެ އެވެ. ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ  ގެ އަނބިކަނބަލުން عَائِشَةَ – رَضِيَ اللَّهُ عَنْهَا- ވިދާޅުވެފައިވެ އެވެ. أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، قَالَ لِلْوَزَغِ :   فُوَيْسِقٌ  ”ހަމަކަށަވަރުން ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ  ހޯނާއި މެދުގައި އެއީ ފާސިޤު އެއްޗެއް ކަމުގައި ޙަދީޘްފުޅު ކުރެއްވި އެވެ.“

ހޯނު މެރުމާއި އަދި އެ ސޫފިއަކީ ގެއްލުންދޭ އެއްޗެއްކަން ބަޔާން ކުރައްވާ، ޙަދީޘް ޝަރަޙަ ކުރައްވާ النووي -رحمه الله- ވިދާޅުވެފައިވެ އެވެ. ”އެންމެހައި ޢިލްމުވެރިން އިއްތިފާޤުވަޑައިގެންފައިވަނީ މި ސުއިއްޕަކީ ގެއްލުންދޭ އެއްޗެއް ކަމެވެ…. އަދި މިއީ ގެއްލުންދޭ އެއްޗެއް ވުމުން ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ  މި މެރުމަށް އަމުރުފުޅު ކުރައްވައި އެކަމަށް ބާރު އަޅުއްވައި ހިތްވަރު ދެއްވާފައިވެ އެވެ.“

3. އިމާމް مسلم  ރިވާކުރައްވާފައިވާ އެހެން ޙަދީޘެއްގައިވެ އެވެ. ޞަޙާބީ  أَبِي هُرَيْرَةَ ވިދާޅުވެފައިވެ އެވެ. ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ  ޙަދީޘް ކުރައްވާފައިވެ އެވެ. (من قتل وزَغًا في أولِ ضربةٍ كُتبت لهُ مائةُ حسنةٍ وفي الثانيةِ دون ذلك وفي الثالثةِ دون ذلك) ”އެކަތިފަހަރުން ޖަހައި ހޯނެއް މަރާލައިފި މީހާއަށް 100 ހެޔޮކަން ލިޔުއްވޭނެ އެވެ. އަދި ދެވަނަފަހަރުން މަރައިފިނަމަ އެމީހަކަށް ލިބޭ އަޖުރު އެއްފަހަރުން މަރާލުމުން ލިބޭ އަޖުރަށްވުރެ މަދު ވާނެ އެވެ. ހަމައެފަދައިން ތިންފަހަރުން މަރާލައިފިނަމަ ދެފަހަރުން މަރާލުމުން ލިޔުއްވޭ އަޖުރަށްވުރެ މަދު ވާނެ އެވެ.“

މި ހަދީޘްއިން ދަލީލު ކުރެވެނީ މި ސޫފި މެރުމުގައި އަޖުރުވާ ކަމެވެ. އަދި އެކަތިފަހަރުން ޖަހައި މެރުން ދެފަހަރުން ޖަހައި މެރުމަށްވުރެން ހެޔޮކަން ބޮޑުވެގެންވާ ކަމެވެ. ވުމުން، މި ސޫފި މެރުން އެއީ ޝަރީޢަތުގައި ބަޔާންވެގެންވާ އަދި ކަނޑައެޅިފައިވާ ޢަމަލެއް ކަމުގައިވެ އެވެ.

4. ހޯނު މެރުމަށް ވާރިދުވެގެންވާ ސަބަބުތަކުގެ ތެރޭގައި އެ އެއްޗަކީ ގެއްލުންދޭ އަދި ގޯނާ ކުރުމާއި، އަނިޔާ ދޭ އެއްޗެއް ގޮތުގައި ވުމުގެ އިތުރަށް ބައެއް ހަދީޘްތަކުގައި އެހެން އިތުރު ސަބަބެއްވެސް ބަޔާންވެ އެވެ. ޙަދީޘްގައިވެ އެވެ. ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ  ގެ އަނބިކަނބަލުން عائشة أم المؤمنين -رضي الله عنه- ރިވާކޮށްފައިވާ ޙަދީޘެއްގައިވެ އެވެ. މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ  ޙަދީޘް ކުރެއްވި އެވެ. (إنَّ إبراهيمَ لما أُلقيَ في النارِ لم يكن في الأرضِ دابةٌ إلا أطفأتِ النارَ عنه، غيرَ الوزَغِ، فإنَّها كانتْ تنفخُ) ”إبراهيمَ އަލިފާނުގެ ތެރެއަށް އެއްލާލެވުނުހިނދު ދުނިޔެ މަތީގައިވި އެންމެހައި ސޫފާސޫފިތަކެއް އެ އަލިފާން ނިއްވުމަށްޓަކައި ވި އެވެ. ހޯނު ފިޔަވަ އެވެ. ފަހެ، އެ އަލިފާން ރޯ ކުރުމަށްޓަކައި ފުމެހެދުމުގައިވި އެވެ.“ صحيح ابن ماجه

މިއީ މި ސޫފީގެ މައްޗަށް ބަޔާންވެގެންވާ ބައެއް ޙަދީޘްތަކާއި އަދި ޢިލްމުވެރިންގެ ބައެއް ބަސްފުޅުތަކެވެ. މި އެންމެހައި ދަލީލުތަކާއި ބަސްފުޅުތަކުން މިއީ، ގެއްލުންދޭ ގޯނާކުރާ އެއްޗެއް ކަމުގައި ބަޔާންވެ އަދި އެ މެރުމަށް އަމުރުފުޅު ކުރައްވާފައިވާކަން ބަޔާންވެ އެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts